ސުންކު

 ޅެންވެރިންގެ “ގަލަންކޮޅު”، ވިދުމާއި ފަނޑުވުން ބިނާވަނީ އެމީހުންގެ ވިސްނުމުގެ ދުރުމީ ހިންގޭ ދުރުގާތްކަމެއްގެ މައްޗަށެވެ. އެމީހުންގެ ނަޒަރުހުންނަންވާނީ ހަމައެކަނި ނޭފަތު ކުރިއަކަށް ނޫނެވެ. އެއަށްވުރެ ދުރަށް- މާދުރަށް ނަޒަރު ހިންގަންޖެހޭނެއެވެ. އަދި ހަމަ އެހެންމެ، އެމީހުންގެ ފިކުރުގެ ހުޅުދާން ފޯރަންވާނީ، އެމީހުންގެ ހިޔަންޏާ ހަމައަކަށްވެސް ނުމެނޫންމެއެވެ. ޅެންވެރިންނަކީ ފިކުރުގެ ވާދީގައި އެކޮޅަށާއި މިކޮޅަށް އަބަދުވެސް ދަތުރުފަތުރުކޮށް އުޅެން ޖެހޭ ބައެކެވެ. މުޖުތަމަޢުގައި ހަމަ މަގުން ކަސިޔާރުވެފައިވާ ކޮންމެ ފަރުދަކަށްވެސް،
އިންސާނީ ޖަޒުބާތާ ގުޅުންހުރި ކޮންމެ ކަމެއްގާމެ، އަމާން މަންޒިލުގެ ދުރު ރާސްތާ ފެންނާނެހެން، އާރުކާޓީއެއްގެ ދައުރު އަދާކުރެއްވުމަކީ ޅެންވެރިންގެ މަސްއޫލިއްޔަތެކެވެ.

ޅެންވެރިންނަކީ ބަހުގެ މާހިރުންކަމުގައި ނޫނީ ނުވާނެއެވެ. އަސަރުގަދަ ޅެމަކުން ހިތަށް ކުރާ އަސަރު އެނޫން ލިޔުމަކުން ކުރާ އަސަރަށްވުރެ ބޮޑުވާނެއެވެ. އިންސާނާގެ އިހުސާސްތަކަށް ހިތްހަމަޖެހުން ގެނުވާ އެއްޗަކަށް ލަވަ ވެގެންދަނީ ހަމައެކަނި އޭގައި އެކުލެވޭ މިއުޒިކެއްގެ ސަބަބަކުން ނޫނެވެ. ފޮދުފޮދުވަރުން ލޭކަރުނަތައް އޮހި ކޯތާފަތް ތެމެމުން ދަނީ، އެލަވައިގެ ޅެންވެރިކަމުގައިވާ އަސަރުގަދަ ބަސްކޮށާރެއްގެ ސަބަބުން ނޫންތޯއެވެ؟

ޅެންވެރީންނަކީ ވަޠަނުގެ ޟަމީރެވެ. ގައުމެއްގެ ޙަޤީޤީ ޙާލަތު ބަޔާންކުރާ، “ހިތާއި ދުލަކީ” އެޤައުމެއްގެ ލިޔުންތެރީންނާއި ޅެންވެރީންނެވެ. ޤައުމުގެ އާދޭސް “އެންމެ އާދޭހާއެކު” ދަންނަވާނީ ޅެންވެރީންނެވެ. އެބައިމީހުން، ޤައުމު އަދު އޮތް ހާލަތާއި، އެހާލަތުން ހެޔޮ ހާލަތަށް ބަދަލުކުރަންވީމަގާއި، ބަދަލުވާންވީ ދަނޑިވަޅުތައް އަންގައިދެއެވެ. ޤައުމުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ކަންކަމުގެތެރެއިން، ދޯހަޅިވެފައިވާ ކަންކަން ސަމާލުކަމަށް ގެނުވައެވެ.

ޅެންވެރީންނަކީ މުއައްރިޚުންނެވެ. ޤައުމުގެ ތާރީޚު އަމާނާތްތެރިކަމާއެކު ޖީލުތަކަށް ދެމިގެންދާނެހެން ފޯރުކޮށްދިނުމުގެ މޭސްތިރީންނަކީ ޅެންވެރީންނާއި ލިޔުންތެރީންނެވެ. ޤައުމުގެ މާޒީ، “އިއާދަކުރަނީ” އެމީހުންނެވެ. ޤައުމެއްގެ މުސްތަޤުބަލުގެ ރާސްތާ ކުރަހައިދޭ ސަމްގާއަކީ ވެސް ހަމަ އެބައިމީހުންނެވެ. ޤައުމީ ބަޠަލުންނާއި، ޤައުމީ މުނާޞަބާތަކުގެ ޒިކުރާ އައުކޮށް އެއިން ހިތްވަރުދެނީ އެމީހުންގެ އަގުހުރި ވަގުތު ޤުރުބާންކޮށްގެނެވެ. ޖޯޝުން ފުރިގެންވާ، ފޯރިގަދަ ލަވަޔާއި، އަސަރުގަދަ ރިޕޯރޓްތަކުން އެންމެން އެއްހިތްކުރަމުންނެވެ. އެއީ އެބައިމީހުންގެ މަސްޢޫލިއްޔަތުކަން ހިތުންރުހި ޤަބޫލުކުރާތީއެވެ. ޤައުމުގައި މިއަދު ހިނގާ މުހިއްމު ހާދިސާތަކާއި ކާރިސާތައް ތާރީޚުގެ ފަތްފުށްތަކުގެ ތެރެއަށް މާޒީވާން ދޫކޮށްލަނީ ލިޔުމެއް/ޅެމެއްގެ ސިފައިގައެވެ. އިއާދަކުރަންޖެހިއްޖެ ކޮންމެ ހާލަތެއްގައި މަތާރަންފިލާމަތިން ނަގާ ހިރަފުސް ފޮޅާލައިގެންނަމަވެސް ބޭނުންކޮށްލެވޭނެފަދަ ގޮތަކަށް ރައްކާކުރެވިފައި “ތާރީޚް” ދެމިއޮންނަނީ އެމީހުން ކުޅަ ބުރަ މަސައްކަތެއްގެ ސަބަބުން ނޫންހެއްޔެވެ؟ ޤައުމުގެ ތަރިކައިގެ ތެރޭއަށް ވަދެ އެކުވަނީ މިފަދަ ފަތްފުށްތަކެވެ. ލިޔުންތެރީންނާއި ޅެންވެރީންނީ، ޤައުމުގެ ރައުސްމާލެވެ. ދީބުގެ މާޒީއާއި މުސްތަޤުބަލުގެ ބާނީންނެވެ.

Begin typing your search term above and press enter to search. Press ESC to cancel.

Back To Top